ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ފައިނުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަ މަހު ސޮއިކޮށް، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިހެން ވިދާޅުވެފައިވަނީ ފައިނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ފައިނުގައި ފައިނުގެ ރައްޔިތުން ދެކެމުންދާ އުންމީދުތަކެއް އެބަހުރި ކަމަށާއި، ރަށުގެ ތަރައްޤީއަށް ގިނަ ކަންކަން ކުރުމަށް އެބަހުރި ކަމަށެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި އަދި ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެންމެ މުހިންމު މަޝްރޫޢުއަކީ އެއަރޕޯޓު ތަރައްޤީކުރުން ކަމަށާއި، އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކު އަންނަ ފެބުރުއަރީ މަހު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، “ފެނާ ނަރުދަމާގެ މަސައްކަތްކޮށްފައިވާ ސަރަހައްދު އެއަރޕޯޓު ސަރަހައްދަށް އަރާތީ ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވޭ. މިދިޔަ ސަރުކާރުގައި އެއަރޕޯޓަށް ހުރަސް އެޅުމަށް ފެނާ ނަރުދަމާގެ ބައެއް ތަންތަން އެތަނުގައި ހުރީ ހަދާފައި. ނަމަވެސް ރައްޔިތުން އެންމެ އެދޭގޮތަށް އެންމެ ކުޑަ ޚަރަދެއްކޮށްގެން އެއަރޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހެދުމަށް ފެނާ ނަރުދަމާ ނުހުއްޓި، އެންމެ ރަނގަޅަށް އޮމާންކޮށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެން.”
މި މަޝްރޫޢުގެ ސަބަބުން ފައިނުގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެއަރޕޯޓް ތަރައްޤީކުރުމުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފުޅާ ދާއިރާއެއްގައި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެން އެރަށަށް ވަޑައިގަންނަވާނީ އެއަރޕޯޓް ތަރައްޤީކޮށްނިމި ހުޅުވުމަށްކަމަށެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރ. ފައިނުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް އުންމީދުކުރެވެއެވެ

