ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ފައިނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަކީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔައީ ދައުލަތުގެ ބަޖެޓުން 64.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން، ފައިނުގައި ނަރުދަމާގެ 3 ޕަމްޕް ސްޓޭޝަނާއި ސީ އައުޓްފޯލް އަދި ރަށުގައި ފެނާއި ނަރުދަމާ ނެޓްވޯކް ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއެކު، ފެން ރައްކާކުރުމަށް 2 ޓޭންކް އަދި ވާރޭފެން ރައްކާކުރާ ޓޭންކް ވަނީ ބަހައްޓާފައެވެ. އަދި ރަށުގެ ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފައިނުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. އަދި ފައިނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކެވެ.
ފައިނަކީ ރ. އަތޮޅުގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު ސޮއިކުރި 7 ވަނަ ރަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމެވެ.

