ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްގެ ގޮތުގައި މިއަދު ރ. މާކުރަތަށް ވަޑައިގެންފިއެވެ. ވާރޭ ވެހެމުންދިޔަ ނަމަވެސް، ރައީސަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރަށުގެ ބަނދަރު ސަރަޙައްދަށް ނުކުމެ ތިއްބެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލަތު ބައްލަވާލެއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މާކުރަތުގައި ދެ މުހިންމު މަޝްރޫޢެއްގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކައުންސިލްގެ އައު އިމާރާތާއި ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތެވެ.
ރައީސް ޑރ. މުޢިއްޒު މި ދަތުރުފުޅުގައި ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ރަށުގައި ކުރިއަށް ގެންދަވަން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ.
މި ދަތުރުފުޅަކީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ސީދާ ރައްޔިތުންގެ ކިބައިން އަޑުއެއްސެވުމާއި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމެވެ.

