ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. މާކުރަތު އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާއާއި އައު ޕޮލިސް ޕޯސްޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ދަތުރުފުޅުގައި އެންމެ ފުރަތަމަ އަޅާފައި ވަނީ މާކުރަތު ޕޮލިސް ޕޯސްޓުގެ އައު އިމާރާތުގެ ބިންގާއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ހަމަ މި ދަތުރުފުޅުގައި މާކުރަތު ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފައެވެ. ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްއެވެ.
މާކުރަތު ކައުންސިލްގެ އައު އިމާރާތަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ދަށްކޮށް ހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި 55 ކައުންސިލްގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ދަށުން މާކުރަތު ހިމެނޭހެން މިހާތަނަށް 5 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.

