ރޭ ރަސްފަންނު ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ފޭރިގަތް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރިގެންފައިވާ މައްސަލައެއް ރޭ 10:14ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ރަސްފަންނު ސަރަހައްދުގައި ޕެޓްރޯލް ކުރުމުގައި އުޅުނު ޕެޓްރޯލް ބީޓަކަށް ބަޔަކު ދުވެފައި ދިޔަތަން ފެނިގެން އެމީހުން ފަހަތުން ދިޔަ މީހާއާ ސުވާލުކުރުމުން ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
- ސ. ހިތަދޫ/ އައްޒާގެ މުބާރިކް މުޙައްމަދު (34 އަހަރު)،
- ފުވައްމުލައް ދިގުވާޑު/ ގުރަހާގެ، އަހުމަދު ފަޔާޒު (30 އަހަރު)
- ފުވައްމުލައް ދިގުވާޑު/ ކައިރުގެ، އަހުމަދު ނަދީފު (36 އަހަރު) އެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ނޯތު ހާބަރ ސަރަހައްދުންނެވެ.
ފުލުހުން ބުނާ ގޮތުގައި މި މީހުން ފޭރިގަތް ތަކެތީގެ ތެރޭގައި 1000 ރުފިޔާ، 10 ޔޫރޯ، ބަންގްލަދޭޝްގެ 10 ޓާކާ، ސްރީލަންކާގެ 20 ރުޕީސް، އިންޑިއާގެ 500 ރުޕީސް އަދި ސިންގަޕޫރުގެ 2 ޑޮލަރު ހިމެނެއެވެ.
މީގެ ތެރެއިން 1000 ރުފިޔާ، ސްރީލަންކާގެ ރުޕީސް އަދި ސިންގަޕޫރު ޑޮލަރު ވަނީ ހައްޔަރުކުރެވުނު މީހުންގެ އަތުން ފެނިފައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

