ހެޑްލައިން: ރައީސް ޑރ މުއިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު އިއްޔެ ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
ދަތުރުފުޅުގައި ރައީސް މުއިއްޒު ޒިޔާރަތްކުރެއްވި ރަށްތަކަކީ:
- މީދޫ،
- މަޑުއްވަރި،
- އުނގޫފާރު
- އަނގޮޅިތީމު،
- ހުޅުދުއްފާރު،
- އިންނަމާދޫ،
- ރަސްގެތީމު،
- ރަސްމާދޫ،
- ކިނޮޅަސް،
- ފައިނު،
- މާކުރަތު.
މި ދަތުރުފުޅުގައި ރައީސް، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވުމާއި، ނިމިފައިވާ ޚިދުމަތްތައް އިފްތިތާޙު ކުރައްވާފައެވެ.
އޭގެ ތެރެއިން ބައެއް ކަންތައްތަކަށް ބަލާލާއިރު ރ. މާކުރަތު އައު ކައުންސިލް އިމާރާތާއި ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުއްވުމާއި، ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވުން ހިމެނެއެވެ. އަދި ރ. އިންނަމާދޫ ވޮލީކޯޓު ހުޅުއްވައިދެއްވުމާއި، ރ. ކިނޮޅަހުގައި އަލަށް އިމާރާތްކުރާ ކައުންސިލްގެ ބިންގާ އެޅުއްވުންވެސް ހިމެނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ ގޮތުން ރ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާ މަސައްކަތް ހަވާލުކުރެއްވިއެވެ. މިގޮތުން ރ. ފައިނުގައި ބީއެމްއެލްގެ އެޓީއެމްގެ ޚިދުމަތް ފެށުމަށް، އެކަމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރެވުނެވެ.
ރައީސް މުއިއްޒު ވަނީ ރ. އުފުލަންދޫއަކީ މަޑުއްވަރީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، އެރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙާލަތު ބެއްލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

