ހިތްހަމަޖެހުމާއި އަރާމު ލިއްބައިދޭ ކެމޮމައިލް އަދި އިނގުރުލުނބޯ ސައިގެ ފައިދާތައް އެހާ ގިނަ!
ދުވަހުގެ ބުރަ މަސައްކަތަށްފަހު، ހަށިގަނޑަށް އަރާމާއި ހިތްހަމަޖެހުން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ކެމޮމައިލް އަދި ޖިންޖަރލެމަން ސަޔަކީ ހަށިގަނޑަށް ލިބިދެވޭ އެންމެ ރަނގަޅު އަރާމުތަކުގެ ތެރެއިން އެއް އަރާމެވެ. މިދެބާވަތުން ކޮންމެވެސް އެއްބާވަތެއްގެ ސައިތަށްޓެއް ތައްޔާރުކޮށްލުމަށްފަހު ފެންވަރާ ތާޒާވެލައިގެން އައިސް އިށީނދެ ހަމަޖެހިލައިގެން ސައިތަށްތެއް ބޯލަބަލާށެވެ. ލިބިގެންދާނީ ސިކުނޑިއަށް އަރާމާއެކު މާސަޅި އިހުސާސެއް އިނގޭތޯއެވެ!
ކެމޮމައިލް ސައިގެ ފައިދާތައް
ކެމޮމައިލް ސައިއަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ ޤުދުރަތީ ބޭހެކެވެ. މި ސައިގެ ސަބަބުން ނަފްސާނީ ނުތަނަވަސްކަން ކުޑަވެ، ނިދުމަށް ފަސޭހަވެއެވެ. އަދި ދުވަހުގެ ތެރޭގައި ދިމާވާ ކަންބޮޑުވުންތަކާއި ބިރުވެރިކަން ލުއިކޮށްދެއެވެ. މީގެއިތުރުން، ހަޖަމުކުރުމުގެ ނިޒާމަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބެއެވެ.

ހިތްހަމަޖެހުމާއި އަރާމު ލިއްބައިދޭ ކެމޮމައިލް އަދި އިނގުރުލުނބޯ ސައިގެ ފައިދާތައް އެހާ ގިނަ!/ ފޮޓޯ:އޯއެފްއެސްހެލްތު
ޖިންޖަރލެމަން ޓީ ނުވަތަ އިނގުރާއިލުނބޯ ސައި
އިނގުރާއިލުނބޯ ސަޔަކީ ވެސް ހަށިގަނޑަށް އަރާމާއި ހިތްހަމަޖެހުން ގެނެސްދޭ ބުއިމެކެވެ. މި ސައިގައި ހިމެނޭ އިނގުރާއި ލުނބޯގެ ސަބަބުން ނަފްސާނީ ގޮތުން އަރާމު ލިބި، ހާސްކަން ކުޑަކޮށްދެއެވެ. ލުނބޯގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ހާސްކޮށްދޭ ހޯމޯން މަދުކުރުމަށް އެހީވެދެއެވެ.
މި ދެ ބާވަތުގެ ސައި ވެސް އެންމެ ރަނގަޅީ ނިދަން ދިއުމުގެ 30 އިން 45 މިނެޓް ކުރިން ބުއިމެވެ. ދުވާލަކު 3 ނުވަތަ 4 ފަހަރު ކެއުމާ ދެމެދު ބުއިމުން އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދެއެވެ. މި ދެ ބާވަތުގެ ސައިގައި ވެސް ކެފެއިން ނުހިމެނޭތީ، މިއީ ނިދުމުގެ ކުރިން ބުއިމަށް އެންމެ އެކަށީގެންވާ ބުއިމެވެ.
ކެމޮމައިލް އަދި އިނގުރުލުނބޯ ސައިއަކީ ހަށިގަނޑަށް އަރާމާއި ހިތްހަމަޖެހުން ގެނެސްދޭ، ޞިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިދޭ ބުއިމެކެވެ. ބުރަ މަސައްކަތަކަށްފަހު މި ދެ ބާވަތުގެ ސައި ބުއިމަކީ ހަށިގަނޑަށް ކޮށްދެވޭ އެންމެ ރަނގަޅު ހެޔޮ ކަމެއްކަން ގައިމެވެ.

