ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީއަށް ހާއްސަކޮށްގެން ގެނެސްދިން މިއަދުގެ ހުކުރުހުތުބާގައި ދެއްކީ އިވެމުންދާ އުފާވެރި ހަބަރުގެ ވާހަކައެވެ.. އެތައް ދުވަހެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދިޔަ އަނިޔާވެރި ޖެނޮސައިޑް ހުއްޓާލި ވާހަކައެވެ. މިކަމަށްޓަކައި މާތްﷲ އަށް ޝުކުރުކުރުމާއެކު އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ހުތުބާގައި ވަނީ ހެޔޮއެދުން ފޮނުވާފައެވެ.
އިންސާނިއްޔަތުގެ ތާރީޚުގައި މިފަދަ އަނިޔާވެރި ހަނގުރާމައެއް ދެކިފައިނުވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ސަޙްޔޫނީ ނިޒާމަށް މި ހަނގުރާމަ ހުއްޓާލަން މަޖުބޫރުވީ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. މިއީ ޔަގީނުންވެސް ޣައްޒާގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބުނެ ހުތުބާގައި ވަނީ ދިވެހިރާއްޖެއިން އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި، މުދަލުން އެހީތެރިވެ، ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރި ކަމަށްވެސް އަލިއަޅުވައިލާފައެވެ.
ހުތުބާގައި މި ނަޞްރުގެ ފަހަތުގައިވާ އީމާންތެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރާއި، ﷲ އަށް ވަކީލުކޮށްގެން ކުރި ހަނގުރާމައެއްކަމަށް ހާމަކުރުމާއެކު ބުނީ މި ހަނގުރާމައިގައި ފަންސާސް ހާހަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ޢިލްމުވެރިންނާއި، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރި އެތައް ލީޑަރުންނެއް ހިމެނޭ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން މުޅި ޣައްޒާ ވަނީ ވީރާނާވެފައި ކަމަށެވެ.
މުޅި ޣައްޒާ ވީރާނާވެފައިވީ ނަމަވެސް، ހަނގުރާމައިގެ ނަޞްރު ލިބެނީ ހަމައެކަނި ލަޝްކަރުގެ ބޮޑުކަމުން ނުވަތަ ހަތިޔާރުގެ ވަރުގަދަކަމަކުން ނޫންކަމަށް ފާހަގަކުރުމާއެކު ހުތުބާގައި ބުނީ އެކަން ބިނާވެގެންވަނީ އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށް ކަމަށެވެ.
މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، އެކަލާނގެ އިރާދަފުޅާއެކު، މަދު ބަޔަކު ގިނަ ބައެއްގެ މައްޗަށް ގަދަވެގެންވެއެވެ. އެހެނީ ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.
އެބައިމީހުންގެ ދުޢާގައި ވަނީ: "އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންކަމުގައި ހައްދުފަހަނަޅައި ދިއުމުގެ ކުށް ފުއްސަވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކޮށްދެއްވާނދޭވެ! އަދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!" މިފަދައިންނެވެ. އެހެންކަމުން، ﷲ އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮ ސަވާބު ދެއްވިއެވެ.
ހަނގުރާމަ ހުއްޓުމާއެކު، އަސީރުން ބަދަލުކުރެވުނު މަންޒަރު ފެނިގެންދިޔަކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މުސްލިމުންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންނާމެދު ހެޔޮކޮށް ކަންތައް ކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަޚްލާގެއްކަމަށެވެ..
މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެހީތެރިވުމަކީ މުއުމިނުންގެ ސިފައެކެވެ.ޣައްޒާ އެއްކޮށް ހަލާކުވެގެން ދިޔަ ނަމަވެސް، މި ހަނގުރާމައިން އެތައް ޢިބުރަތެއް ލިބިގެންދެއެވެ. އޭގެ އެންމެ މުހިންމު އެއް ޢިބުރަތަކީ ﷲގެ ދީނަށް ނަޞްރުދޭ މީހުންނަށް ﷲ ނަޞްރު ދެއްވާނެކަމެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، އީމާންވެއްޖެ މީސްތަކުން ﷲގެ ދީނަށް ނަޞްރުދޭނަމަ، އެކަލާނގެ އެބައިމީހުންނަށް ނަޞްރު ދެއްވައި، އެބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެއެވެ.
ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ހާލަތުގައިވެސް އަމަލުކުރީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތިން ކަމަށާއި އެއްވެސް އަނިޔާވެރިކަމެއް ނެތި ކަމަށް ހުތުބާގައި ވަނީ ހާމަކޮށްފައެވެ. އަދި އިސްލާމްދީނުގައި އަނިޔާވެރިވުމާއި، އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާކުރުން ވަނީ ޙަރާމްކުރައްވާފައިކަމަށްވެސް ހުތުބާގައި ބުންޏެވެ.
މިއަދުގެ ހުތުބާގައި ވަނީ ހަނގުރާމައިގެ ހާލަތުގައި މުސްލިމުން ކަންތައް ކުރަންޖެހޭ ގޮތަށްވެސް އަލިއަޅުވައިލާފައެވެ. އެގޮތުން ހުތުބާގައި ބުނީ ހަނގުރާމައިގެ ހާލަތުގައިވެސް ކުޑަކުދިންނާއި، މުސްކުޅިންނާއި، އަންހެނުން މެރުމާއި، ގަސްގަހާގެހި ނައްތާލުމާއި، ޖަނަވާރުތައް މެރުން އިސްލާމްދީނުގައި މަނާކުރައްވާފައިކަމަށާއި އަދި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހަލާކުކުރުމާއި، އެތަންތަނުގައި އަޅުކަންކުރާ މީހުން މެރުންވެސް މަނާކުރައްވާފައިވާ ކަމަށެވެ. އަދި މިއީ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ކަމަށާއި އިންސާނިއްޔަތުކަމާއި، ޖަނަވާރުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މިސާލެއް ކަމަށާއި އެގޮތުން ޣައްޒާގެ ރައްޔިތުން މި ހަނގުރާމައިގައި ވަނީ މި މަތިވެރި އަޚްލާޤުގެ ނަމޫނާ ދައްކާފައިކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މަސްޖިދުލް ޙަރާމު
ހުތުބާގައި ވަނީ އިސްރާއާއި މިއުރާޖުގެ ވާހަކައަށް ވެސް އަލިއަޅުވައިލާފައެވެ. އެގޮތުން ފަލަސްޠީނާއި ބައިތުލް މަޤްދިސްއާއި މަސްޖިދުލް އަޤްޞާގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު، ކޮންމެ މުސްލިމަކަށްވެސް ހަނދާންވާނެ އެއްކަމަކީ އިސްރާ އަދި މިޢުރާޖުގެ އަޖައިބުވެރި ހާދިސާކަމަށާއި މިއީ ކީރިތި ރަސޫލާ ﷺ ގެ ނަބީކަން ޔަޤީންކޮށްދެއްވުމަށާއި، އެކަލޭގެފާނުގެ ހިތްޕުޅަށް ހިތްވަރާއި ކެތްތެރިކަން ދެއްވުމަށް މާތްﷲ ދެއްވި ޚާއްޞަ މުޢުޖިޒާތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އިސްރާ އަކީ މައްކާގެ މަސްޖިދުލް ޙަރާމުން ބައިތުލް މަޤްދިސްއަށް ރޭގަނޑުގެ ވަގުތެއްގައި ކުރެއްވި ދަތުރުފުޅެވެ. އަދި މިޢުރާޖަކީ އެތަނުން މަތީ ޢާލަމްތަކަށް ކުރެއްވި ދަތުރުފުޅެވެ. މި ދެ މުޤައްދަސް ތަނަކީ އިސްލާމްދީނުގެ ތައުޙީދީ ރިސާލަތުގައި ގުޅިފައިވާ ދެ މުހިންމު ތަނބެވެ.
މާތްﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. "އެކަލާނގެ އަޅާ (މުޙައްމަދުގެފާނު) މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤްޞާއަށް ރޭގަނޑުގެ ވަގުތެއްގައި ގެންދެވި ކަމަށެވެ. އެތަނުގެ ވަށައިގެންވާ ސަރަޙައްދަކީ އެކަލާނގެ ބަރަކާތް ލައްވާފައިވާ ތަނެއްކަމަށާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ނިޝާންތައް ދެއްކެވުމަށްޓަކައި މިކަން ކުރެއްވި ކަމަށެވެ." މި ވަޙީ ބަސްފުޅުން ސާފުވާ ގޮތުގައި މަސްޖިދުލް ޙަރާމާއި މަސްޖިދުލް އަޤްޞާގެ ދެމެދުގައިވާ ގުޅުމަކީ ދުނިޔެ ދެމިއޮތްހާ ދުވަހަކު ނެތިނުދާނެ މަތިވެރި ގުޅުމެއްކަމަށް ހުތުބާގައި ބުންޏެވެ.
މަސްޖިދުލް އަޤްޞާގެ ވަށައިގެންވާ ސަރަޙައްދަކީ މާތްﷲ ބަރަކާތް ލައްވާފައިވާ މުޤައްދަސް ބިމެއްކަން ފާހަގަކުރުމާއެކު ހުތުބާގައި ބުނީ މި މިސްކިތަކީ ދުނިޔޭގައި މާތްﷲ އަށް އަޅުކަންކުރުމަށް ބިނާކުރެވުނު ދެވަނަ މިސްކިތް ކަމަށާއި އަދި މިއީ އިސްލާމުންގެ އެންމެ ފުރަތަމަ ޤިބްލަ ކަމަށެވެ.
ޞަހްޔޫނީ އިޙްތިލާލުގެ ދަށަށް މި މުޤައްދަސް ބިން ދިޔުމަކީ އިސްލާމީ އުންމަތަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާކަން ފާހަގަކޮށް މި ބިން މިނިވަންކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަން ހުތުބާގައި ވަނީ ހަނދާކޮށްދީފައެެވެ.
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައި ވަނީ، "އެކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބަޔަކު ދީނުގައި ސާބިތުވެ، ޙައްޤުގެ މަތީގައި ދެމިތިބޭނެ ކަމަށެވެ. އެބައިމީހުންނާ ދެކޮޅުވެރިވާ މީހުންނަށް އެބައިމީހުންނަށް ގެއްލުމެއް ދެވޭނީ ހަމައެކަނި ދަތިތަކާއި ވޭންތަކުގެ ސިފައިގައެވެ. މިގޮތުގައި އެބައިމީހުން ދެމިތިބޭނީ މާތްﷲ ގެ އަމުރުފުޅު އަންނަންދެނެވެ. ޞަހާބީން އެއީކޮން ބައެއްތޯ ކުރެއްވުމުން އެބަޔަކު ތިބޭނީ ބައިތުލް މަޤްދިސްއާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ކަމަށް ރަސޫލާ ﷺ ވަނީ ޚަބަރު ދެއްވާފައެވެ.
މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މައްޗަށް ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަންޖެހޭ އިޖްތިމާޢީ އަދި އަޚްލާޤީ ޒިންމާތަކެއް އެބައޮތްކަމަށާއި މީގެ ތެރޭގައި އެބައިމީހުންގެ ޙައްޤުތަކަށް އަޑުއުފުލުމާއި، އެބައިމީހުންނަށްޓަކައި ދުޢާކުރުމާއި، އިންސާނިއްޔަތުގެ ގޮތުން އެހީތެރިވުމަށް އެންމެން އެކުގައި މަސައްކަތްކުރުން ހިމެނޭކަމަށް ހުތުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.
މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، އެކަލާނގެ މަގުގައި ހޭދަކުރާ އެއްޗެއް ގެއްލިގެންނުދާނެކަމަށާއި އަދި އެކަލާނގެ މަގުގައި ހޭދަކުރާ ކޮންމެ އެއްޗަކަށް އެކަލާނގެ ހެޔޮ ބަދަލު ދެއްވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން ދަނީ ރީތި މިސާލެއް ދައްކަމުންކަމަށް ބުނެ މި މަތިވެރި މަސައްކަތުގައި މާތްﷲ ދިވެހި ވެރިންނަށާއި ރައްޔިތުންނަށް ތައުފީޤު ދެއްވުމަށް އެދި ދުއާ ކުރިއެވެ
މިއަދުގެ ޚުޠުބާގައި އިސްލާމީ އުންމަތުގެ މިހާރުގެ ހާލަތާއި އޭގެ ސަބަބުތަކާ މެދު ވާހަކަދެކެވުނެވެ. އުންމަތުގެ ނިކަމެތިކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. މި ހާލަތުން އަރައިގަތުމަށް ދީނުގެ އަސްލުތަކުގައި ހިފެހެއްޓުމާއި، ދުނިޔެވީ ކަންކަމަށްވުރެ އާޚިރަތް އިސްކުރުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ.
އުންމަތަށް ނަޞްރު ލިބުމަށްޓަކައި ޢަޤީދާ ވަރުގަދަކުރުމާއި، ﷲ އަށް އީމާންވުމާއި، ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުމާއި، އެކުވެރިވުމާއި، ޙަސަދަވެރިކަމުން ދުރުހެލިވުމާއި، އިސްލާމްދީން ޙަޔާތުގައި ޤާއިމުކުރުމުގެ މުހިންމުކަން އިރުޝާދު ދެއްވިއެވެ.
ނިންމަވާލެއްވީ އުންމަތް އިޞްލާޙުކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވައި، މާތްﷲ އަށް ދުޢާކުރައްވައި، ނަބިއްޔާ މުޙައްމަދު ﷺ އަށް ޞަލަވާތް ކިޔަމުންނެވެ.

