މިފްކޯއިން މިއަދު މަސްވެރިންނަށް 4.7 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފިއެވެ. މިފްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ދޯނިތަކުން ކިރި މަހަށް މިއަދު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
މިފްކޯގެ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި 22 ވަނަ ދުވަހު ޖުމްލަ 79 މަސްދޯންޏަކުން މަސް ކިރާފައިވެއެވެ. މި ދޯނިތަކަށް ޖުމްލަ 4،746،204 ރުފިޔާ ދައްކާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި މި ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިގެންދާނެ ކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ. އަދި މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށްވެސް ތެޔޮ ވިއްކައެވެ. މި ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.
މި ފިޔަވަޅުތަކަކީ މަސްވެރިންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުމަށާއި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.

