ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ވެރިރަށް ބެއިޖިންއަށް މިއަދު ފަށައިފިއެވެ. މިއީ މއެވެ. މިއީ މޯލްޑިވިއަންއިން އައު ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައި ދަތުރުފެށި ޗައިނާގެ 2 ވަނަ މަންޒިލެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓުގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށެވެ. އެއަށްފަހު މިއަދު ވަނީ ބެއިޖިންއަށް ދަތުރު ފަށާފައެވެ.
ބެއިޖިންއަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ފަތުރުވެރިންވެސް ވަނީ ރާއްޖެއިން ޗައިނާއަށް ދަތުރުކޮށްފައެވެ. މި ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން ފުރަތަމަ ޗެކިންވި ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު، އެއަރލައިނުން ވަނީ ޓިކެޓް އަގުހެޔޮ ފެއަރއެއްވެސް ތަޢާރަފުކޮށްފައެވެ. މި ފެއަރގެ ދަށުން މާކެޓްގައި ޗައިނާގެ ޓިކެޓް ހުރި އަގާ އަޅާބަލާއިރު 30 އާއި 50 އިންސައްތައާ ދެމެދުގެ އަދަދަކުން އަގު ހެޔޮވާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. މި ޕްރޮމޯޝަނަލް އަގުތަކުގައި 40 ކިލޯގެ ލަގެޖާއި ކެއުމުގެ ޕެކޭޖެއް ހިމެނޭކަމަށްވެސް އެއަރލައިނުން ހާމަކޮށްފައިވެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ޗެންޑޫ އަދި ބެއިޖިންއަށް ފަށާފައިވާއިރު، މިމަހުގެ 27 ވަނަ ދުވަހު ޝެންހާއީއަށްވެސް ދަތުރުތައް ފަށާނެއެވެ. މިއިން ކޮންމެ ސިޓީއަކަށްވެސް ހަފްތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

