ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކުފޯހުން މިދިޔަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިކަން ހާމަކުރައްވަމުން ވިދާޅުވީ، އިއްޔެ ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ.
އިމިގްރޭޝަނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނަކީ ކުރިން ހިންގި އޮޕަރޭޝަންތަކުގެ ނަތީޖާ ދެމެހެއްޓުމަށާއި، ގަވާއިދާ އެއްގޮތަށް ބިދޭސީން ރާއްޖޭގައި މަސައްކަތްކުރާކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި އޮޕަރޭޝަނުގެ ދަށުން، ކުރިން ބަލައި ފާސްކުރެވުނު ތަންތަނުގައި މިހާރު ތިބި ބިދޭސީންގެ ވިސާގެ ހާލަތު ބަލައި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

