މި ޖެނުއަރީ މަސް ނިމެންދެންވެސް ޕްލެނެޓް އެއްސަފަކަށް އެތުރޭ މަންޒަރު ފެންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫނު ވިދާޅުވީ އެގޮތަށް ފެންނަ ސަބަބަކީ މިއީ މިއީ ޕްލެނެޓްތައް ނުވަތަ ގުރަހަތައް އެއް ސަފަކަށް އެތުރޭ ދުވަސްވަރެއް ކަމަށް ވާތީއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޕްލެނެޓްތަކާ ގުޅޭގޮތުން ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ ގުރަހަތަކާއި އެ ގުރަހަތައް އެއްސަފަކަށް އެތުރޭ ގޮތާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި އިރަވީ ނިޒާމުގައި މުޅިއެކު 8 ޕްލެނެޓެއް ނުވަތަ ގުރަހައެއް އިރުގެ ވަށައިގެން ދަތުރުކުރަމުންދެއެވެ. މި ގުރަހަތައް ދަތުރުކުރަނީ އެކި ބާރުމިނުގައި އެކި ދުރުމިނުގައެވެ. އާންމުގޮތެއްގައި މި ގުރަހަތައް އެއް ސަފަކަށް އެތުރެނީ މަދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވަކި ދުވަސްވަރެއްގެ ރީތިކޮށް ފެންނާނެ ކަމަށް ބުނަން ދަތި. އެހެންނަމަވެސް އެންމެ ރީތިކޮށް މިދުވަސް ވަރު ފެންނާނީ ޖެނުއަރީ 21 އިން 25 އަށް. ދެން ޖެނުއަރީ މަސް ނިމެންދެންވެސް ފެންނާނެ. އިރު އޮއްސުމަށް ފަހު ދެގަޑިއެއްހާއިރު ނިކުމެވަޑައިގެން ބެއްލެވީމަ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މި މަންޒަރު ހަމަލޮލަށް ފެންނައިރު، ތަރިތަކާއި ގުރަހަތައް ވަކިކުރަން އެހާ ފަސޭހަ ނުވެދާނެއެވެ. ނަމަވެސް ފަލަކީ ޢިލްމުވެރިންނާ ހަވާލާދެއްވާ ރައީސް މައުމޫން ވިދާޅުވީ ބައެއް ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ގުރަހަތައް ނުވަތަ ޕްލެނެޓުތައް އުޑުގައި ވިދަމުންދާތަން ނުފެންނާނެ ކަމަށެވެ. އެހެންނަމަވެސް ތަރިތައް ވިދަމުންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ މި މަންޒަރަކީ ކޮންމެ 100 އަހަރަކުން އެއްފަހަރު ފެންނަ މަންޒަރެއް ކަމަށެވެ. އެހެންކަމުން، މި ނާދިރު މަންޒަރު ބަލާލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް އެ ފުރުޞަތު އޮތް ކަމަށް ދޭހަވެއެވެ.

