ގެއެއްގެ ފަސް ވަނަ ބުރީގެ އެޕާޓްމަންޓަކުން ކުޑަކުއްޖަކު ކުޑަދޮރުން ފައިބަން އުޅެނިކޮށް ކިރިޔާ ނުވެއްޓި ސަލާމަތްވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
ސޯޝަލް މީޑިއާ ގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން ހެންވޭރު ބުރެވިމަގުގައި ހުރި އެ ގޭގެ ކުޑަދޮރަކުން ކުއްޖަކު ފައިބަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. ސީދާ މަގަށް ހުރި އެ ދޮރާ ދިމާލުން ބެލްކަންޏެއް ވެސް ނެތެވެ.
ގާތްގަނޑަކަށް 50 ސިކުންތުގެ އެ ވީޑިއޯގައި ފެންނަ ގޮތުގައި ކުޑަކުޑަ ކުއްޖަކު ކުޑަދޮރުމައްޗަށް އަރައި ބޭރަށް ދެ ފައި ތިރިކޮށް ފައިބަން އުޅެ އެވެ. އޭރު މަގުމަތީގައި ތިބި މީހުން އެ ކުއްޖާއަށް ގޮވައި، އެތެރެއަށް ވަންނަން ގޮވާ އަޑު އިވެއެވެ.
ކުޑަދޮރުން ބޭރަށް ދެފައި ލައިގެން އިންދާ ކުއްޖާ ސަލާމަތްކުރީ ގޭތެރެއިން މީހަކު އެ ކުއްޖާ ކުއްލިއަކަށް އެތެރެއަށް ދަމައިގަނެގެންނެވެ. އެއީ އެ ގޭ މީހަކު ކަމެއް ނުވަތަ މަންޒަރު ފެނިގެން އެ ގެޔަށް ވަން މީހެއް ކަމެއް ނޭނގެ އެވެ
ފުލުހުންގެ އެފްސީޕީ އިން ވަނީ ސީން އަަށް އެޓެންޑްވެ އެ ކުއްޖާ ދިރިއުޅޭ އެޕާޓްމެންޓަށް ވަދެފައެވެ. އަދި ހާދިސާ ހިނގި ވަގުތު އެކުއްޖާގެ މަންމަ އޮތީ ނިދާފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާދިސާ އާ ގުޅިގެން ކުއްޖާގެ މަންމަ ވަރަށް ބޮޑަށް ނަފްސާނީ ވެފައިވާ ކަމަށްވެއެވެ.
އިތުރަށް ފުލުހުންގެ ވިކްޓިމް ސަޕޯޓް އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ފުލުހުން މީޑިއާއަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ނަގާލަން އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ، މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެއް ކަމަށެވެ. އަދި އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، ޓްރިގަރ ވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރީ، މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް އެ ޚިދުމަތުން ނަސޭހަތްތެރިވެއެވެ.
އަދި އެއްވެސް ފަރާތަކުން މި ވީޑިއޯ ޝެއާކޮށްފައިވާނަމަ އެ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ. މި ހާދިސާ އާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅުއްވާ ހިއްސާކުރެއްވުމަށް އެ ޚިދުމަތުން އަންގާފައިވެއެވެ.

