އިއްޔެ ރޭ އަނިޔާވެގެން ފަރުވާދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ 27 އަހަރުގެ ދިވެހި ފިރިހެންމީހާ، ފަރުވާ ދިނުމަށްފަހު މިއަދު ފަތިހު ދޫކޮށްލައިފިއެވެ.
މިއީ މާރާމާރީއެއްގައި ޒަހަމްވެފައިވާ މީހެއްކަމަށް މައުލޫމާތު ވަނީ ލިބިފައެވެ، އެހެންނަމަވެސް މާރާމާރީއާ ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 11:40 ހާއިރުއެވެ.
އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، އަނިޔާވެގެން ގެނެވުނު ފިރިހެނާއަށް ބޭނުންވާ ފަރުވާ ދިނުމަށްފަހު މިއަދު ފަތިހު 4:30 ހާއިރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

