ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި، އެފަދަ ފޮޓޯ އަދި ވީޑިއޯތައް މީޑިއާގައި ދައުރު ނުކުރުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިޖުތިމާޢީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، “ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އިނގިގެންދާކަން” ފާހަގަކުރައްވައެވެ. އަދި މިއީ ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، އެއްވެސް ކުއްޖެއްގެ ޒާތީ މަޢުލޫމާތު އާންމުކުރުމަކީ މަނާކަމެކެވެ. މީގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ހިމެނެއެވެ.
އިޖުތިމާޢީ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ އާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުއާއި، ދައުލަތާއި އަދި އެހެނިހެން ފަރާތްތަކުގެ ޒިންމާއެކެވެ.
ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ވެސް އިލްތިމާސްކުރައްވާފައިވަނީ، ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި އެފަދަ ފޮޓޯއާއި ވީޑިއޯ އާންމުކުރުމުގެ ބަދަލުގައި، ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.

