ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ފުރަތަމަ ތަޖުރިބާ ދަތުރުގައި 34 ދަރިވަރުން މެލޭޝިއާއަށް ފުރައިފިއެވެ. މި ދަތުރުގައި ދަރިވަރުން ފުރާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދަތުރު ނިންމާލުމަށްފަހު އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
މި ތަޖުރިބާ ދަތުރާ ގުޅޭގޮތުން އެމްއެންޔޫއިން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދަތުރުގައި މެލޭޝިއާގެ ޔުނިވަރސިޓީތަކަށާއި މަޝްހޫރު ސަރަޙައްދުތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން މެނޭޖްމަންޓް ސައިންސް ޔުނިވަރސިޓީ (އެމްއެސްޔޫ)، އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ (އޭޕީޔޫ) އަދި ޔުނިވަރސިޓީ ކެބަންގްސަން މެލޭޝިއާ (ޔޫކޭއެމް) އަށް ޒިޔާރަތްކުރާނެ ކަމަށް ބުނެފައިވެއެވެ.
މި ދަތުރުގައި މެލޭޝިއާގެ ސަގާފަތާއި ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތާއި މެލޭޝިއާގެ ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެމްއެންޔޫއިން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
ޔުނިވަރސިޓީތަކަށް ދަރިވަރުން ކުރާ ޒިޔާރަތްތަކުގައި އެމްއެންޔޫގެ ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ބައިވެރިވަޑައިގަންނަވާނެ ކަމަށްވެސް އެމްއެންޔޫއިން ހާމަކޮށްފައިވެއެވެ.
މި ތަޖުރިބާ ދަތުރަށް އެމްއެންޔޫ، ބިޒްނަސް ހޮޓެލް، އައިކެއާ، ދަމާސް އަދި ހެޔޮއެދޭ އެހެން ފަރާތްތަކުގެ އެހީތެރިކަމާއި ދަރިވަރުންގެ އަމިއްލަ ބައިވެރިވުން ހިމެނޭ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

