މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓެއްގައި ޗައިނާއިން މިއަދު 200 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
މި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އެ ފަތުރުވެރިންނަށް ހިލޭ ރިޓާން ޓިކެޓާއި އެކްސްކްލޫސިވް ހޮލިޑޭ ޕެކޭޖުތައް ދީފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ކޮންމެ ހަފްތާއަކު ބެއިޖިންގއަށް އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ އެއަރލައިނުން ބެއިޖިންގގެ އިތުރުން ޗެންޑޫއަށްވެސް ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ޝަންގހާއީއަށްވެސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

