ހައްދުންމަތީ ގަމުން ފޮނަދޫއަށް ސައިކަލެއްގައި ދުއްވަމުންދިޔަ އަންހެނަކު ފޭރެން އުޅުނު މައްސައެއް ބަލަން ފަށައިފިއެވެ.
މި މައްސަލައިގައި ދެ ފިރިހެނަކު އެ އަންހެން މީހާގެ ފޯނު ގަދަކަމުން އަތުލަން މަސައްކަތްކޮށް، އޭނާގެ ހެލްމެޓް ނަގައި ވަލުތެރެއަށް އުކާލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ 6 ވަނަ ދުވަހުގެ ހަވީރު 18:34 ގައެވެ.
“ހަވީރު 6:15 ހާއިރު، އަޅުގަނޑު ގަމުން ފޮނަދޫއަށް ދަނިކޮށް، ދެ މީހަކު އަޅުގަނޑުގެ ފަހަތުން އައިސް ގޯނާކުރަން ފެށި،” އަނިޔާ ލިބުނު އަންހެން މީހާ ސޯޝަލް މީޑިއާގައި، އެ ދެފިރިހެނުންގެ ދެ ވީޑިއޯއަކާ އެކު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އަންހެންމީހާ ބުނީ މި ހާދިސާ ހިނގާފައިވަނީ މަތިމަރަދޫގެ ލާމުފިނި އަށީގެ ސަރަޙައްދުން ފެށިގެން ކަމަށެވެ. އެ ދެ ފިރިހެނުން ވަނީ އޭނާގެ ފަހަތުން 20 ކިލޯމީޓަރު ވަންދެން ދުއްވާފައެވެ އަދި އެންމެ ފަހުން އޭނާގެ ފޯނު އަތުލަން މަސައްކަތްކޮށް، ހެލްމެޓް އުކާލާފައިވާ ކަމަށާއި، މި ހާދިސާގައި އޭނާގެ ވައަތުގެ މުލައްދަނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ޕޯސްޓުގައި އަންހެންމީހާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފަރާތުން ފުލުހުންނަށް ބުނެފައިވަނީ އަންހެން މީހާ އެމީހުންގެ ސައިކަލުގެ ނަންބަރު ޕްލޭޓް ހަލާކުކޮށްލި ކަމަށް ބުނެ، އެކަމާ ހެދި އޭނާގެ ފަހަތުން ދިޔަ ކަމަށެވެ. ނަމަވެސް އެފްބީގައި ހިއްސާކޮށްފައިވާ ވީޑިއޯގައި އެ ސައިކަލުގެ ނަންބަރު ޕްލޭޓް ސާފުކޮށް ފެންނަން ހުރިކަން ހާމަކޮށް އަންހެންމީހާ ބުނީ އޭގެ އިން އެމީހުން ހަދަނީ ދޮގުކަން ސާފުވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

