ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގެސްޓުހައުސްތަކުގެ މަޢުލޫމާތު ފަތުރުވެރިންނާއި އާންމުންނަށް ފޯރުކޮށްދިނުމަށް “ދަ ޓްރެވަލް ގައިޒް” އިން އިންތިޒާމްކުރާ “ރަށު އެކްސްޕޯ 2025” އަންނަ ފެބްރުއަރީ މަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 13 އިން 15 އަށެވެ.
މި އެކްސްޕޯއަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތަކުގެ ޚިދުމަތްތައް ދައްކުވައިދީ، ޚާއްޞަ ޕެކޭޖުތައް ސީދާ ރާއްޖޭގެ ރައްޔިތުންނަށް ވިއްކުމަށް ލިބޭނެ ހަރުދަނާ މަންސައެއްކަމަށް ދަ ޓްރެވަލް ގައިޒްއިން ވަނީ ފާހަގަކޮށްފައެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭ ސެންޓްރަލް ޕާކަކީ މިފަދަ އިވެންޓަކަށް އެންމެ އެކަށޭނަ ތަނެއްކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ދަ ޓްރެވަލް ގައިޒްގެ ޑިރެކްޓަރ ޑރ. ޙުސައިން ސަނީ ޢުމަރު ވިދާޅުވީ، “މި ޕާޓްނާޝިޕާއި މެދު ފަޚުރުވެރިވެލައްވާ ކަމަށާއި، އަމާޒަކީ އެޗްޑީސީގެ އެހީއާއިއެކު މިއީ ބައިވެރިވާ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފައިދާހުރި އެކްސްޕޯއަކަށް ހެދުން” ކަމަށެވެ.
މި އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯއެވެ. މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން ހިމެނެއެވެ.
މިއީ ގެސްޓްހައުސްތަކާއި، ރަށްރަށުގެ ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، މި އެކްސްޕޯގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ރަށްތަކުގައި ހުރި ތަފާތު ޚާއްޞަ ކަންތައްތައް ދައްކުވައިދިނުމާއެކު، ރާއްޖޭގެ އެތެރޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުންތައް ބަދަހިކޮށް، ކުރިއެރުން ހޯދައިދިނުމެވެ.
ރަށު އެކްސްޕޯ 2025 ގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މި އެކްސްޕޯގެ ސަބަބުން ރަށް މަޝްހޫރުވެ، ގިނަ ބަޔަކު ރަށާއި މެދު ޝައުގުވެރިވެ، ރަށަށް އަހުލުވެރިވެގެން ދާނެއެވެ. މީގެ އިތުރުން، މި އެކްސްޕޯގައި ގެސްޓްހައުސްތަކާއި އަދި އެހެނިހެން ރަށުގެ ޚިދުމަތްތައް އިޝްތިހާރުކޮށް މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރަށުގެ ދިވެހި ކެއްކުމުގެ ތަފާތު މަޖާ ވައްތަރުތައް ދައްކާލައި، އޭގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެކްސްޕޯގެ ސަބަބުން އެކި ވިޔަފާރިތަކަށް އިންވެސްޓަރުންނާއި އެހީތެރިން ލިބި، އާ ވިޔަފާރިތަކަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

