ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި 13 ބިދޭސީން އަތުލައިގަތީ ބުރާސްފަތި ދުވަހު އެވެ. އަދި މިއީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީންތަކެއް ދިރިއުޅެ ވިޔަފާރިކުރަމުން ދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެޗެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީން އަތުލައިގަތީ "ފިންގާ ޕްރިންޓް ކެފޭ" ނަމަކަށް ކިޔާ ތަނަކުންނެވެ. މި ތަނުގެ ތެރޭގައި ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ދިރިއުޅޭކަން ވީޑީއޯއިން ފެންނަ މަންޒަރުން އެނގެއެވެ. އަދި މިއީ ހެދިކާވެސް ތައްޔާރުކުރާ ތަނެއްކަން ވީޑިއޯއިން ފާހަގަކުރެވެއެވެ.
އިމިގްރޭޝަނުން މިހާރު ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓު ކޮށްފައެވެ. ފުރުވާލެވުނު ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެއެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުން ހިމެނޭކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. ހޯމް މިނިސްޓްރީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނަގާފައިވާކަން ފާހަގަކުރެވެއެވެ.

