ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލައިގެން 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ސައިކަލުގައި ޒުވާނާ ރޯކޮށްލާފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑުވެއާ ކައިރީގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރަކުން އެނގޭ ގޮތުގައި ހައްޔަރު ކުރި ޒުވާނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، އޭނާ ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލެއް ރޯކޮށްލާފައެވެ. ސައިކަލު ހެންވޭރު މަގެއްގެ މަތީ ޕާކުކޮށްފައި ހުއްޓާ ތިމަންނާ ގޮސް އެ ސައިކަލުގައި ރޯކޮށްލީ ކަމަށްވެސް ޒުވާނާވަނީ ބުނެފައެވެ.
އަދި މި ޢަމަލު ހިންގީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ހައްޔަރުކުރެވުނު ފަރާތަކީ ކުށުގެ ރެކޯޑު ގިނަ އަދި ކުށްކުރާ ޖަމާޢަތެއްގައި ހަރަކާތްތެރިވާ ކަމުގެ ރެކޯޑު އޮތް މީހެކެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

