ހަތަރުގަޑިއިރުގެ މަސަައްކަތަށްފަހު، އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އަދި ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓު ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހަތަރުގަޑިއިރުގެ މަސައްކަތަށްފަހު އަލިފާން މުޅިން ނިއްވާލެވުނީ މިރޭ 20:40 ހާއިރުގައިކަމަށެވެ.
މި ހާދިސާގައި ބޮޑު ސަރަހައްދަކަށް ފެތުރުނު އަލިފާންގަނޑު ނިއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، އެ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެެވެ.

