ފުވައްމުލައް ސިޓީއިން ސިޓީން މިއަދު މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވި ހައްޔަރުކުރެވުނު އަންހެން މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރުމަށްފަހު އަންހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަރިޔަމް ފަޒީލާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެއަންހެންމީހާ ހައްޔަރު ކުރީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ.
އެހެންނަމަވެސް، ފުލުހުން އޭގެ ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އަންހެން މީހާ ތުހުމަތު ކުރެވުނު ކަންކަމާއި ގުޅުން ނެތްކަން ޔަގީން ކުރެވިފައިވާތީ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށެވެ.

