ރާއްޖެއިން އިންޑިއާގެ މުމްބާއީއަށް ދިޔަ މަތިންދާބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން ފޮރުވައި، އެ ތަކެތި ވަގަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ.
އިންޑިއާ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކުރެވުނު މީހާއަކީ ކަރްނާޓަކާގެ، އުމުރުން 24 އަހަރުގެ އިނާމުލް ހަސަން އެވެ. އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ބޯޓު ފާސްކުރި އިރު، 2.1 ކްރޯ (3.7 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ރަން ހުރި 13 ޕައުޗް ފެނިފައިވަނީ މަތިންދާބޯޓުގެ ފާހާނާގެ ލައިޓް ޕެނަލެއްގެ ތެރެއަށް ލާފައި ހުއްޓާއެވެ.
ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރަންތައް ނަގައި އެއާޕޯޓުން ބޭރަށް ގެންދިއުމަށް ހަވާލުވެފައިވަނީ އެއާޕޯޓުގެ ސްޓާފުންގެ ބަޔަކާ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މި ރަންތައް ހުރީ ކޮން އެއާލައިނެއްގެ ފްލައިޓެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި، އިނާމުލް ހަސަން ވަނީ މަތިންދާބޯޓުގެ ފާހާނާ ތެރޭގައި ރަން ފޮރުވި ކަމަށް އެއްބަސްވެފައެވެ. މިހާރު އެ މީހާ ރަން ހޯދީ ކޮންތާކުން ކަމާއި އެއީ ކާކަށް ގެންދާ އެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ދާދި ފަހުން އިންޑިއާގެ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސުން ވަނީ އިންޑިއާއަށް ރަން އެތެރެކުރުމުގައި ބައެއް ފަސިންޖަރުން ބޭނުންކުރާ ގްރޫޕެއް ފަޅާއަރުވާލާފައެވެ. މި ގްރޫޕުން އިންޑިއާއަށް އައުމަށް ފަހު މަތިންދާބޯޓުގެ ކުނި ވަށިގަނޑަށް ރަންތައް އަޅައި، އެއާޕޯޓުގެ އެހެން ސްޓާފަކު އެ ނަގައި އެންމެ ފަހުން ގެންގޮސް ހަވާލުކުރަނީ މިކަމުގެ އަޑީގައި ހުންނަ އަންހެނަކާ ކަމަށް އިންޓެލިޖެންސުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

