އާސަންދަ ކުންފުނީގެ ސުޕަވައިޒަރުންގެ މަގާމާއި ކޭސް ޕްރޮސެސިން ޑިޕާޓްމަންޓު އުވާލަން އެ ކުންފުނީގެ މެނޭޖްމަންޓުން ނިންމި ނިންމުން ބަދަލުކުރަން ގޮވާލައި، އެ ކުންފުނީގެ 50 މުވައްޒަފުންގެ ސޮޔާ އެކު، (ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް) ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އާސަންދައިގެ މެނޭޖްމަންޓުން އެ ކުންފުނީގެ ކޭސް ޕްރޮސެސިން ޑިޕާޓްމަންޓާއި ސުޕަވައިޒަރުންގެ މަގާމު އުވާލަން ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ފެބްރުއަރީގައެވެ. މި ނިންމުން ބަދަލުކުރަން އެދި އެ ކުންފުނީގެ 50 މުވައްޒަފުން ސޮއިކޮށް، ރައީސް އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އާސަންދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ.
ކުންފުނީގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ޕެޓިޝަންގައި ބުނެފައިވަނީ، މިއީ 60 އަށްވުރެ ގިނަ މުވައްޒަފުންގެ ދިރިއުޅުމަށާއި ކުންފުނީގެ އޮޕަރޭޝަންތަކުގެ ހަރުދަނާކަމާއި އިތުބާރާއި ޔަގީންކަމަށް ނޭދެވޭ އަސަރު ފޯރާނެ ނިންމުމެއް ކަމަށެވެ.
އާސަންދަ މެނޭޖްމަންޓުގެ ނިންމުމާ ބެހޭ އިތުރު ތަފްސީލު ހިއްސާކޮށް އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި، މެނޭޖްމަންޓުގެ ނިންމުން އާސަންދަ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އިއުލާންކުރެއްވީ 20 ޖެނުއަރީ 2025 ގައެވެ. މި ނިންމުމާ އެކު ސުޕަވައިޒަރުންގެ މަގާމުތައް އުވި، އޭގެ ބަދަލުގައި ދެން ތިބޭނީ ޝިފްޓް އިން-ޗާޖުންނެވެ. އަދި މިހާރު ދެމުންދާ 1،000 ރުފިޔާގެ ސުޕަވައިޒަރީ އެލަވަންސް ވެސް ނުލިބޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުން، އެ މީހުންގެ ހުނަރާއި ތަޖުރިބާއާ ގުޅުމެއް ނެތް އެހެން ދާއިރާ/ވަޒީފާތަކަށް ބަދަލުކުރާނެކަން ވަނީ އަންގާފައެވެ. މި ބަދަލުތައް ގެނައުމުގައި އެއްވެސް ވަރަކަށް މުވައްޒަފުންގެ ހިޔާލު ހޯދާފައިނުވާ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
ކޭސް ޕްރޮސެސިން ޑިޕާޓްމަންޓް އުވާލައިފިނަމަ އާސަންދައިގެ އޮޕަރޭޝަންތަކާއި އިންތަކާއި އާންމު ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ކޭސްތައް ޕްރޮސެސްކުރުން ލަސްވުމާއި، ހިދުމަތުގެ ފެންވަރު ދަށްވުމާއި، ބާކީތިބި މުވައްޒަފުންނަށް ނުކަތާ މިންވަރަށް މަސައްކަތް އިތުރުވުން ހިމެނޭ ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެއެވެ.
މައިގަނޑު ކަންބޮޑުވުންތަކުގެ ގޮތުގައި އެ ޕެޓިޝަންގައި ފާހަގަކުރި މައްސަލަތަކަކީ އާސަންދަ ކުންފުނި ހިންގުމުގެ ދޯދިޔާކަމާއި ބަލިކަށި މެނޭޖްމަންޓެއް އޮތުމާއި ކްރިޓިކަލް އޮޕަރޭޝަންތަކުގައި ބައިވެރިވުން ކުޑަކަމެވެ. އޭގެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ކަސްޓަމަރ ސާވިސް ޑިޕާޓްމަންޓަށް ކަމަށް ބުނެފައިވެއެވެ.
ކުންފުނީގެ މެނޭޖްމަންޓާއި އެމްޑީ ޒީނިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ ޕެޓިޝަންގައި ބުނެފައިވަނީ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުހޯދައި، މުޅިން ވެސް ނިންމަނީ ދެކޮޅުނުޖެހޭ ނިންމުންތައް ކަމަށެވެ. އަދި އަލަށް ގެންނަން ނިންމާފައިވާ ބަދަލަކީ ވެސް، ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި އެ ޑިޕާޓްމަންޓުން "ކީ ޕާފޯމެންސް އިންޑިކޭޓާސް" (ކޭޕީއައި)ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުކުރާތީ ކަމަށް ބުނެ ގެންނަން ނިންމި ބަދަލެކެވެ.
އެހެން ނަމަވެސް އެކަން ދޮގުކޮށް، މުވައްޒަފުން ބުނީ އެކަށީގެންނުވާ މަދު އަދަދެއްގެ މުވައްޒަފުންނާއި އިތުރު ދަތިތަކާ އެކު ވެސް ކޭޕީއައިގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކީ ކޮވިޑް-19 ޕެންޑެމިކްގެ ދުވަސްވަރު އާސަންދައިގެ ހިދުމަތް މެދުނުކެނޑި ފޯރުކޯށްދިނުމާއި 10،000 ކޯލުގެ ބެކްލޮގެއް މެނޭޖުކުރަން މުވައްޒަފުން ކުރި ބުރަ މަސައްކަތެވެ.
ކަންބޮޑުވުމާއި ޝަކުވާތަކާ އެކު މުވައްޒަފުން އެދެނީ:
- ކޭސް ޕްރޮސެސިން ޑިޕާޓްމަންޓާއި ސުޕަވައިޒަރީ މަގާމުތައް އުވައިނުލުމަށް
- ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ މަސައްކަތް ބަލައިގަނެ، ވަޒީފާގެ ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް
- މަސައްކަތްކުރަންޖެހޭ އިތުރު ވަގުތާއި އަދާކުރާ އިތުރު ޒިންމާތަކަށް ރިއާޔަތްކޮށް 1،000ރ.ގެ ސުޕަވައިޒަރީ އެލަވަންސް ދިނުން ހުއްޓާނުލުމަށް
- ހަމަހަމަކަމާ އެކު މުވައްޒަފުންނަށް މަސައްކަތްތައް ކަނޑައަޅައިދިނުމަށް
- ކަންކަން ނިންމުމުގައި ކުންފުނީގެ ވެރިންނާއި މުވައްޒަފުންނާ މަޝްވަރާ ކުރެވޭނެ ގޮތެއް ގާއިމްކޮށްދިނުމަށް

