ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް ނޫނީ މޯބައިލް ފޯނުގެ ބޭނުން ނުކުރުމަށް ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު އޮފިސަރުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.
ސީޕީ މިކަމަށް އެދިވަޑައިގަތީ ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު އޮފިސަރުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ރައްޔިތުންގެ ފަރާތުން އަންނަ އެއް ޝަކުވާއަކީ ފުލުހުން މަގުމަތީ ޑިއުޓީގައި ތިބޭއިރު ފޯނާ ކުޅެންތިބޭ ތަން ފެންނަ ކަމުގެ ޝަކުވާ ކަމަށެވެ.
އެހެންކަމުން މިކަން ރަނގަޅުކުރަންޖެހޭކަން ފާހަގަކުރައްވާ ސީޕީ ވަނީ ޚިދުމަތުގައި ތިބޭ ފުލުހުންނަކީ ރައްޔިތުންނަށް ޚާއްސަވެގެން ތިބޭ ބަޔަކަށްވުމަށް އެދިވަޑައިގެންފައެވެ.
ދެވަނަ ކަމަކީ ރައްޔިތުންނާ އަބަދުވެސް ރިވެތި ބަހުން މުއާމަލާތްކުރުން. ރައްޔިތުންނާ ރިވެތި ބަހުން ވާހަކަ ނުދެއްކޭވެ އެއްވެސް ހާލަތެއް އައިސްގެންނުވާނެ. ރައްޔިތުންނަށް ވުރެ ވަކިން މާތްކޮށް ވަހަކަ ދައްކަންޖެހޭ އިތުރު ބަޔަކު ނުތިބޭނެ. އުންމީދުކުރަން ފުލުހުންނަށް އަމާޒުވާ މި ނޭދެވޭ ސިފަ ތިޔަ އޮފިސަރުންގެ ފަރާތުން ހައްލުކޮށްދޭނެ ކަމަށް. ސީޕީ ޝުޖާއު
ފުލުހުންނަށް ލިބިފައިވާ ޤާނޫނީ ބާރުތަކަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރުތަކެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރަންވާނީ ބާރުގެ ބޭނުންނުކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ މަގު ދައްކައިދީ އަދި އިސްލާހުވުމަށް ފުރުސަތުދޭ ބަޔަކަށް ކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެ އަދި ރާއްޖެއިން ބޭރުން ލިބޭ ކަމަށާއި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށްވެސް ސީޕީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިއިން ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން. މިކަން ހާސިލްކުރުމަށް އެންމެ އިސް ސަފުގައި ތިބޭނީ ތިޔަ އޮފިސަރުން. ކޮންމެ ތަނެއްގައި މަސައްކަތް ކުރަން ޖެހުނަސް އެކަމަށް އިޖާބަދީ އުފަލާއެކީ ފުލުހުންގެ ވާޖިބު އަދާކުރުމަށް އިލްތިމާސްކުރަން. ސީޕީ ޝުޖާއު
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅު ނިންމަވާލެއްވީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރުއަދާކުރައްވަމުންނެވެ.
އަދި ފުލުހުންގެ މަސައްކަތްތަކަށް ވަޒީރު އިޙްސާން ބަހައްޓަވާ ގާތްކަމަށްޓަކައި އެމަނިކުފާނަށްވެސް ސީޕީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ އެކި ބަހާތަކުގެ އިސް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

