މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 5.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މި ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ދޯނިތަކުން ކިރި މަހަށެވެ.
މިފްކޯއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 25 ވަނަ ދުވަހު 98 މަސް ދޯންޏަކުން ވަނީ މަސް ކިރާފައެވެ. މި ދޯނިތަކަށް ޖުމްލަ 5,345,430 ރުފިޔާ ދައްކާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ. މި ފައިސާ އިއްޔެ ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިފައިވާ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އަދި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.
މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވާއިރު އަދި މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށްވެސް ތެޔޮ ވިއްކައި، އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ކަނޑަމުންދާކަން ފާހަގަކުރެވެއެވެ.

