އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާ ކަމަށް ހާމަކޮށްފައިވެއެވެ.
މިނިސްޓަރުގެ މެސެޖްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.
“ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށް” ފޮރިން މިނިސްޓަރުގެ މެސެޖުގައި ހާމަކޮށްފައިވެއެވެ.
ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި އެގޮތުން، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާ ވެގެންދަނީ ދިވެހިރާއްޖެއަށް ނަމޫނާ ޤައުމަކަށް ކަމެވެ.
ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަން ހާމަކޮށްދެނީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވައި ގާތްކަމާއި، ދެއްވާ އެހީތެރިކަމުންކަމާއި ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންޑިއާކަމަށްވީ ހިނދު، މިކަމުންވެސް ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށް ވެސް މިނިސްޓަރު ހިއްސާކޮށްފައިވެއެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއިއެކު ޖުމްހޫރީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި، އިންޑިއާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް، އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދެމުން މިނިސްޓަރު މެސެޖު ނިންމަވާލެއްވިއެވެ.

