ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގެ މޭޔަރު ސައުދުއަލީއަށް ކުރާ ތުހުމަތުތަކަކާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) ޓީމެއް މިއަދު ހެނދުނު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެއްޖެއެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް ވަނީ ތިނަދޫ ސިޓީއަށް ގޮސް އެސިޓީގެ ކައުންސިލް އިދާރާ އަށް ވަދެފައެވެ. އޭސީސީގެ އެޓީމު ކައުންސިލް އިދާރާއަށް ވަނީ މޭޔަރ ސައުދުއަލީއާއި ތިނަދޫ ސިޓީ ކައުންސިލަށް ކުރާ ތުހުމަތުތަކަކާ ގުޅިގެން ބޭނުންވާ ލިޔެކިއުންތަކެއް ހޯދުމަށް ކަމަށްވެއެވެ.
ތިނަދޫ ކައުންސިލު މޭޔަރަށް މިހަބަރު ލިބިވަޑައިގެންނެވި ވަގުތު އެބޭފުޅާ ހުންނެވީ ރަށުން ބޭރުގައި ކަމަށް ވުމުން ވަގުތުން އޭސީސީއަށް އެކަން އެންގެވިއެވެ. އަދި އޭސީސީގެ ނަންބަރު:LT-2025/10 އަމުރާ ހަވާލާދީ ފޮނުއްވި ސިޓީގައި މޭޔަރ ސައުދު އަލީ ވިދާޅުވެފައި ވަނީ އެއަމުރާ ގުޅިގެން ތިނަދޫ އުތުރުދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ މައްސަލަތައް ބެއްލެވުމަށް ތިޔަ ކޮމިޝަނުން ހާޒިރުވެ ތިއްބެވި ފަރާތަށް މައުލޫމާތު ހިއްސާ ކުރުން، 28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:30 ގައި ތިނަދޫ ކައުންސިލު އިދާރާގައި އޮންނާނެ ކަމަށެވެ. ހަމިމިއާއެކު، އޭސީސީއިން ކައުންސިލަށް މިވަގުތު ވަދެގެން އެއުޅޭ އުޅުމަކީ މޭޔަރަށް އެނގިވަޑައިގެން ކުރައްވާ ކަމެއް ނޫންކަމަށާއި ދުރާލާ އެންގުމަކާ ނުލައި އަދި އެބޭފުޅާގެ ހުއްދައެއްވެސް ނެތި ކައުންސިލްއިދާރާއަށް ވަނުމަކީ ކަނޑައެޅިގެން ގަވާއިދާ ހިލާފަށް ކުރާކަމެއް ކަމަށް މޭޔަރ ސައުދު ވަނީ ވިދާޅުވެފައެވެ.
“ތިޔަ ކޮމިޝަނުގެ ނަންބަރު:LT-2025/10 (ޖަނަވަރީ 25، 2025) އަމުރާ ޙަވާލާ ދީ ދަންނަވަމެވެ. ހަވާލާދީފައިވާ އަމުރާ ގުޅިގެން، ތިނަދޫ އުތުރުދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ މައްސަލަތައް ބެއްލެވުމަށް ތިޔަ ކޮމިޝަނުން ހާޒިރުވެ ތިއްބެވި ފަރާތަށް މައުލޫމާތު ހިއްސާ ކުރުން، 28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:30 ގައި ތިނަދޫ ކައުންސިލު އިދާރާގައި އޮންނާނެއެވެ.” މޭޔަރު ސައުދު އަލީ، އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
އަދި އަމުދުން އެބޭފުޅާ ރަށުގައި ވަޑައިގެން ނެތް ދަނޑިވަޅެއްގައި މިއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫންކަން ފާހަގަކުރައްވައި މޭޔަރސައުދު ވިދާޅުވީ، އެހެންކަމުން މިކަމަށް އެބޭފުޅާ ގެ ފަރާތުން އެއްވެސް އެއްބާރުލެއްވުން ނުދެއްވާނެ ކަމަށެވެ. ހަމަމިއާއެކު މޭޔަރ ސައުދު ވަނީ ކައުންސިލް އިދާރާ ތެރޭގައި އޭސީސީއިން ހަރަކާތްތެރިވުން ހުއްޓާލުމަށާއި އެތަނުން ދިއުމަށް އެދިވަޑައިގެންފައެވެ.
ހުވަދޫމީޑިއާ އަށް އެނގިފައިވާ ގޮތުގައި، ހެނދުނު ކައުންސިލް އިދާރާއަށް ވަދެގެން އުޅުނު އޭސީސީގެ ޓީމު އަދިވެސް ވަނީ އިދާރާ ތެރޭގައެވެ.
އޭސީސީގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތުން އަދި އެއްވެސް ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

