އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ސާފުތާހިރުކަމެއް ނެތި ބިދޭސީން އުޅެމުންދިޔަ ތަނަކުން ބިދޭސީންތަކެއް އަތުލައިގަނެ ބަންދު ކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދިން މަޢުލޫމާތުގައިވާ ގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ އޮޕަރޭޝަނުގެ ދަށުން އިއްޔެއާއި މިއަދު ޓާސްކު ފޯހުން މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
އިމިގްރޭޝަނުން ބުނީ، މި ތަނަކީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރު ކަމެއް ނެތި ބިދޭސީން އުޅެމުންދިޔަ ތަނެއް ކަމަށެވެ. އަދި މި ތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރިއެވެ.
މީގެ އިތުރުން، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރި ކުރަމުންދިޔަ އެހެން ތަނަކުން އިއްޔެ 13 ބިދޭސީއަކު އަތުލައިގަނެފައިވާކަން ވެސް އިމިގްރޭޝަނުން ފާހަގަ ކޮށްފައި ވެއެވެ.
މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ޑީޕޯޓް ކުރުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

