ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެމިތިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެއްބަސްވެވަޑައިގެންފިއެވެ. މި ކަން ހާމަވެގެން ދިޔައީ އިއްޔެ ފާހަގަކުރެވުނު އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެންނެވެ.
ރައީސް މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި، އިންޑިއާގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރާ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި އިންޑިއާއާއެކު އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ޤައުމުން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އަބަދުވެސް އަގުވަޒަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
“ދެ ޤައުމުގެ ގުޅުން ބިނާވެގެންވަނީ އިތުބާރާއި އިޙްތިރާމުގެ މައްޗަށް. އަދި މި ގުޅުން ވަނީ ވަގުތުގެ އިމްތިޙާންތަކުގެ މަތީގައިވެސް ސާބިތުކަން ދައްކާފަ،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކާއި ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި އަބަދުވެސް އެކުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.
“އެކުވެރިކަމާއި އެއްބާރުލުމުގެ މި ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިތިބޭނަން،” މޯދީ ވިދާޅުވިއެވެ
ރައީސް މުއިއްޒުގެ މި ޕޯސްޓަށް ޖަވާބު ދެއްވަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ރައީސް މުއިއްޒު ފޮނުއްވި ހެޔޮ އެދުންތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސް މުއިއްޒު، މި ދެ ޤައުމުގެ ޒަމާންވީ ގުޅުން ސިފަކުރެއްވި ގޮތަކީ އެމަނިކުފާނުގެ ވެސް އިޙްސާސް ކަމަށް މޯދީ ވިދާޅުވިއެވެ.

