އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މިރޭ 19:15 އިން ފެށިގެން 22:00 އަށް މޫސުން ލަފާކޮށްފައިވާއިރު މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މެޓުން ހާމަކޮށްފައިވަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

