އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
އެއީ ގދ. ތިނަދޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، މަކަރާއި ހީލަތުން އޮޅުވާލައިގެން އޭނާ އެކައުންޓަކުން ނެގި ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 95,000 ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށެވެ. އަދި އޭގެ އިތުރުން އެހެން އެކައުންޓްތަކަށްވެސް ފައިސާ ޖަމާކުރި ކަން ބޭންކް ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މި ކުށަށް ތުހުމަތުކުރެވޭ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި މި ކަން ކުރީ އަބްދުﷲ ނަމަކަށް ކިޔާ އޭނާގެ ރައްޓެއްސެކެވެ. އަދި އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން ބައެއް ނަގައި، ބާކީ ފައިސާ އަބްދުﷲ ބުނި ގޮތަށް ޓްރާންސްފަރކުރި ކަމަށް އޭނާ ބުނާކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ނެގުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރެވެއެވެ.

