އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓްސް އޮފް މޯލްޑިވްސް (އެސް.އޯ.ޖީ.އެމް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާގެ ބެއިޖިންގ އިން ވަޑައިގެންފައިވާ ތަޖުރިބާކާރު ޕްރޮފެސަރެއްކަމަށްވާ ޑރ. ޝިއައުމިންގް ގޮންގް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޕްރޮފެސަރ ޑރ. ޝިއައުމިން ގޮންގްއަކީ މިނިމަލް އިންވޭސިވް ގައިނަކޮލޮޖިކް ސަރޖަރީ (އެމް.އައި.ޖީ.އެސް) ގެ ރޮނގުގައި ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ. އޭނާއަކީ ރަހިމުގެ ފައިބްރޮއިޑް އެބްލޭޝަން ތެރަޕީގެ އައު މަގެއް ހުޅުވާލި ފަރާތެއްގެ އިތުރުން، ސިންގަލް-ޕޯޓް ލެޕޮރޮސްކޯޕިކް ސާޖަރީ، ވީ-ނޯޓްސް ސަރޖަރީ އަދި ލިންސް ހިސްޓަރޮސްކޮޕިކް ރިސެކްޝަން ޓެކްނިކް ފަދަ ޕްރޮސީޖަރތައް ޗައިނާއަށް ތަޢާރަފުކުރި ފަރާތެވެ.
މި ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވަމުން ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ ރާއްޖޭގައި ގައިނެކޮލޮޖީގެ ފަރުވާ ކުރިއެރުވުމަށް މި ހަރަކާތުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މި ވޯކްޝޮޕްގައި ގައިނެކޮލޮޖިސްޓުންނާއި އޮޕަރޭޓިންގ ރޫމް ނަރުހުންނަށް ޢަމަލީ ތަމްރީނު ދެވިގެންދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެފައިވެއެވެ.
މި ވޯކްޝޮޕްގައި ހުޅުމާލެ ހޮސްޕިޓަލާ، ޓްރީޓޮޕް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ 7 ގައިނެކޮލޮޖިސްޓުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގައި މިހާރުވެސް އަންހެނުންގެ ޚާއްޞަ ބަލިތަކުގެ ފަރުވާއަށް ލިބެންހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށާއި، މި ފުރުސަތަކީ އަންހެނުންގެ ބަލިތަކަށް ހާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ ފަހި ފުރުސަތެއްކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެފައިވެއެވެ.

