ރާއްޖޭގައި މަނާ ކުރެވިފައިވާ ދެ ބޭހެއް އެތެރެކުރުމުގެ ހުއްދަ އަލުން ދީފިކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހު އެމްއެފްޑީއޭ އިން ވަނީ ޕާކިސްތާނުގެ އެފްރޯޒޭ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި މެލޭޝިޔާގެ ކޮޓްރާ ފާމާއިން އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ. މި ދެ ބޭހުގައި ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ބުނެ އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރކެޓުން ލިބެންހުރި އެ ދެ ބޭހުގެ ބެޗްތަކުގެ ސާމްޕަލް ނަގައި އިތުރަށް ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ދެ ބޭހުގެ ރައްކާތެރިކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް އެ ދެ ބޭސް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކަމަށް އެމްއެފްޑީއޭއިން ހާމަކޮށްފައިވެއެވެ.
ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެބޭސް އިމްޕޯޓް ކުރާއިރު ޑައިއީތައިލިން ގްލައިކޯލްއާއި އިތައިލީން ގްލައިކޯލްގެ، ޑަބްލިއުއެޗްއޯއިން ޕްރިކޮލިފައިޑް ލެބޯރެޓަރީއަކުން ހަދާފައިވާ އެނަލައިސިސް ރިޕޯޓް ހުށަހެޅުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.
މި ނިންމުމާއެކު، ކުރިން މަނާކުރެވިފައިވާ މި ދެ ބޭސް އަލުން ރާއްޖޭގެ މާރކެޓަށް ނެރެވޭނެ ކަމަށް ބެލެވެއެވެ. އެމްއެފްޑީއޭއިން މި ނިންމުން ނިންމާފައިވަނީ އިތުރު ދިރާސާތަކަށްފަހު ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް ވުމާއެކު، މި ބޭސްތައް ބޭނުންކުރުމުގައި ރައްޔިތުންގެ ސިއްޙަތަށް ނުރައްކަލެއް ނެތްކަމަށް ބެލެވެއެވެ.

