ނިޔަފަތީގެ ކަން ވަދެ ދުޅަވުމަކީ ގިނަ ބަޔަކަށް ދިމާވާ ވަރަށް އުނދަގޫ މައްސަލައެކެވެ. މި މައްސަލަ އާންމުކޮށް ދިމާވަނީ ފައިގެ ބޮޑު އިނގިލީގެ ނިޔަފަތީގައެވެ. މިއީ ވަރަށް ބޮޑަށް ރިހުން ހުންނަ، އަދި ފަރުވާ ނުކޮށްފިނަމަ ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ މައްސަލައެކެވެ. މިއީ ބައެއް މީހުންނަށް ވަރަށް ބޮޑަށް ދިމާވާ މައްސަލައެކެވެ. މާބޮޑަށް ގަދަޔަށް ނިޔަފަތި ހެދިބޮޑުވުމުގެ މައްސަަލަ ހުރުމަކީވެސް ނިޔަފަތީގެ ކަންވަދެ ދުޅަވުމަށް މަގުފަހިވާ ކަމެކެވެ.
ނިޔަފަތީގެ ކަން ވަދެ ދުޅަވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
- ދިގު މުއްދަތަކަށް އިނގިލިތައް ފިތޭފަދަ ބާރު ފައިވާނަށް ނުވަތަ ބޫޓަށް އެރުން،
- ނިޔަފަތި ރަނގަޅަށް ނުކެނޑުން
- ފައިގެ އިނގިލިތަކަށް ބާރުބޮޑު މަސައްކަތްތައް ކުރުން، ނޫނީ ތަނެއްގައި ޖެހި އަނިޔާއެއް ވުން
- ފައިގެ ސާފުތާހިރުކަން ރަނގަޅަށް ނުބެލެހެއްޓުން،
- ބައެއްފަހަރު ކިތަންމެ ސާފުތާހިރުކޮށް ބެލެހެއްޓިނަމަވެސް ނިޔަފަތީގެ ކަން މާބޮޑަށް އަވަހަށް ދިގުވުމުގެ ސަބަބުން މިމައްސަލަ ދިމާވެއެވެ. އެހެންނަމަވެސް ފެނާއި ލޯވޝަން، ހިރަފުސް ހަރުލާފައި ހުރުމުންނާއި މަރުވާ ހަންކޮޅުތައް ވަދެ ފުރިގެން ނިޔަފަތީގެ ކަން ދުޅަވެ ހަލާކުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނިޔަފަތީގެ ކަން ވަދެ ދުޅަވުމަކީ، އަޅާނުލައި، ފަރުވާ ކުޑަކޮށްފިނަމަ ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެކަމެއް/ ފޮޓޯ: ފުޓްހަބް
ގޭގައި ދެވިދާނެ ފަރުވާތައް
- ހޫނު ފެނަށް ފައިތިލަ ލައިގެން ފަރުވާ ދިނުން: ހޫނުކަން ހުންނަވަރުގެ ފެނަށް ލޮނުކޮޅަކާއި ސައިޑަރ ވިނެގަރ އަޅައިގެން ދުވާލަކު ދެފަހަރު 20 މިނެޓު ވަންދެން ފައިތިލަ ފެން އެއްޗަކަށް ލައިގެން އިނުމަށްފަހު މަޑުމަޑުން ސާފުކޮށްލާށެވެ. މިކަމުން ވަރަށް ބޮޑު ފަރުވާއެއް ލިބިގެންދާނެއެވެ. މިގޮތަށް ފެންއެއްޗަށް ސައިބޯންޏާއި ލޮނުކޮޅެއް އެއްކޮށްލައިގެންވެސް ބޭނުންކުރެވިދާނެއެވެ.
- މަސާޖު ކުރުން: ނިޔަފަތީގެ ކައިރީގައި ހުންނަ ހަންގަނޑު މަޑުވާނެހެން މަސާޖުކުރުމުން ރިހުން ކުޑަވެ، ލޭ ދައުރުވުން ރަނގަޅު ވެގެންދާނެއެވެ. މިކަން ކުރާއިރު ނިޔަފަތީގެ ކަނުން އެއްވެސް ދަމިލައެއް އެތެރެއަށް ނުވަންނާނެހެން ސަމާލު ވާންވާނެއެވެ.
- ނިޔަފަތީގެ މަތިން ގާނާލުމަކީވެސް ދެވިދާނެ ފަރުވާއެކެވެ. މިގޮތަށް ގާނާލުމުން، ނިޔަފަތީގެ ކަން ވަދެ ދުޅަވުމުން ރައްކާތެރި ކޮށްދޭނެއެވެ.
- މާބޮޑަށް ކަން ވަދެ ދުޅަވެފައި ހުރިނަމަ ޒައިތޫނު ތެޔޮފޮދެއް ނޫނީ ސާފުކާށި ތެޔޮފޮދެއް ހޫނުކޮށްފައި ނިޔަފަތީގެ ކަނުގައި ހާކާށެވެ. އެތެރެއަށް އަސަރު ކުރާފަދަ ގޮތަކަށް ތެލުން މަސާޖުކޮށްލާށެވެ.

ނިޔަފަތި ކަނޑާއިރު ސީދާކޮށް، ދުޅަވެފައިވާ ކޮޅު ނުކަނޑައި، އަނެއްކޮޅުން ތަންކޮޅެއް ކަނޑާލުން މުހިންމެވެ./ ފޮޓޯ:ފުޓްހަބް
ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
- ނިޔަފަތި ކެނޑުން: ނިޔަފަތި ކަނޑާއިރު ސީދާކޮށް ކަނޑަންވާނެއެވެ. ދުޅަވެފައިވާ ކޮޅު ނުކަނޑައި، އަނެއްކޮޅުން ތަންކޮޅެއް ކަނޑާލުން މުހިންމެވެ. މިކަމުގައި ސާފު އާލާތްތައް ބޭނުން ކުރަން ވާނެއެވެ.
- ފައިވާނުގެ ބާވަތް: ތަނަވަސް، ފައިގެ އިނގިލިތަކަށް ޖާގަ ލިބޭފަދަ ފައިވާން އެރުމަކީ މުހިންމުކަމެކެވެ. ބާރު ފައިވާނުން ނިޔަފައްޗަށް ލިބޭ ގެއްލުން އިތުރުވެ، މައްސަލަ ބޮޑުވެގެން ހިނގައިދާނެއެވެ.

ނިޔަފަތި ކަނޑާއިރު ސީދާކޮށް، ދުޅަވެފައިވާ ކޮޅު ނުކަނޑައި، އަނެއްކޮޅުން ތަންކޮޅެއް ކަނޑާލުން މުހިންމެވެ./ ފޮޓޯ:ފުޓްހަބް
ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ހާލަތްތައް
ހަކުރު ބަލީގެ ބަލިމީހުންނާއި ލޭ ދައުރުވުމުގެ މައްސަލަ ހުންނަ ފަރާތްތަކުން މި މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި އަމިއްލައަށް ކުރާ ފަރުވާތަކުން ނަތީޖާ ނުފެނި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، ނުވަތަ އިންފެކްޝަންގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
ނިޔަފަތީގެ ކަން ވަދެ ދުޅަވުމަކީ ފަރުވާނުކޮށް ދޫކޮށްލައިގެން ތިބެވޭނެ މައްސަލައެއް ނޫނެވެ. އަވަސް ފަރުވާއަކާއި ރަނގަޅު ބެލެހެއްޓުމަކީ މި މައްސަލައިން ސަލާމަތްވުމަށް ކޮންމެހެން މުހިންމު ކަންކަމެވެ. އަދި މުސްތަޤުބަލުގައި މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ބޭނުންވާ އިހުތިޔާރީ ފިޔަވަޅުތައް އެޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

