ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް، ވައިޑް-ބޮޑީ މަތިންދާބޯޓުގައި ދަތުރުފެށި ޗައިނާގެ 3 ވަނަ މަންޒިލު، ޗައިނާގެ ޝަންހާއީއަށް ފަށައިފިއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ދަތުރު ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށެވެ. އެއަށްފަހު ބެއިޖިންއަށް ދަތުރުތައް 24 ވަނަ ދުވަހު ފަށާ، މިހާރު ޝަންހާއީއަށް ކުރާ ދަތުރުތައް ވަނީ ފަށާފައެވެ. މި ދަތުރުތައް ކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާގެ ޝަންހާއީ ޕުޑޮންގް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
ޝަންހާއީއަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ފަތުރުވެރިންވެސް ވަނީ ރާއްޖެއިން ޗައިނާއަށް ދަތުރުކޮށްފައެވެ. މޯލްޑިވިއަންގެ ދަތުރުތައް ބެއިޖިންއަށް ފެށުން ފާހަގަކުރުމަށް ފުރަތަމަ ޗެކިންވި ފަތުރުވެރިންނަށް ވަނީ މަރުހަބާއެއް ކިޔާފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު އެއެއަރލައިނުން ވަނީ ޓިކެޓް އަގުހެޔޮ ފެއަރއެއްވެސް ފަށާފައެވެ. މިވަގުތު މޯލްޑިވިއަންގެ ޓިކެޓުން ކުރިއަށްގެންދާ ފެއަރއިން މާކެޓްގައި ޗައިނާގެ ޓިކެޓްހުރި އަގާއި އާޅަބަލާއިރު 30 އާއި 50 އިންސައްތައާއި ދެމެދު އަގު ހެޔޮވާނެކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ މި ހުރިހާ ޕްރޮމޯޝަނަލް އަގުތަކުގައިވެސް 40 ކިލޯގެ ލަގެޖާއި، ކެއުމުގެ ޕެކޭޖެއް ހިމަނާފައިވާކަމަށެވެ. އަދި މިފެއަރ ހަމަޖައްސާފައިވަނީ މިތިން ސިޓީއަށްވެސް ކުރާ ފުރަތަމަ ދެދަތުރަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ޗެންޑޫ، ބެއިޖިން އަދި ޝަންހާއިއަށް ފަށާފައިވާއިރު، ޝަންހާއީއަށް ދިޔަ ފްލައިޓު މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ އަނބުރާ އަންނާނެއެވެ. މޯލްޑިވިއަނުން ވަނީ މި ފްލައިޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވިދާޅުވެފައެވެ. ކޮންމެ ހަފްތާއަކުވެސް އެއް ދަތުރު މި މަންޒިލްތަކަށް މޯލްޑިވިއަނުން ކުރާނެއެވެ.
މި ދަތުރުތަކާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ. އަދި ޗައިނާއިން ރާއްޖެއަށް ކާގޯ ގެނައުމަށްވެސް ފުރުސަތު ފަހިވެގެންދާނެއެވެ.

