ދެކުނުގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މެޓުން ހުދު ސަމާލު ނެރެފައި ވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމަޔަށެވެ.
މިއަދު ހެނދުނު 09:30 އިން ފެށިގެން ހަވީރު 15:30 އަށް މޫސުން ލަފާކޮށްފައިވާއިރު މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ހަމަ އެއާއެކު ދެކުނުގެެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް އިއްޔެ މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މެޓުން ވަނީ ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

