މުލަކަތޮޅު މުލީގައި އަލަށް އިމާރާތް ކުރަމުންދާ އެއަރޕޯޓުގެ މަސައްކަތް އަވަސް ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ޕީއެސްއެމް ނިއުސްއަށް ދިން މަޢުލޫމާތުގައި، މި ވަގުތު އެއަރޕޯޓުގައި ކުރަމުން ދަނީ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް ބުނެފައިވެއެވެ. އަދި އެއަރޕޯޓުގެ ރަންވޭ ވަށައިގެން ހިއްކަން ޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ މުޅި އެއަރޕޯޓުގެ އިމާރާތްކުރުމާ ގުޅޭ 85 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުންދަނީ ޓަރމިނަލާއި އެހެނިހެން އިމާރާތްތަކުގައި ކުރަންހުރި ފިނިޝިންގ މަސައްކަތްތައް ކަމަށާއި، އެއަރޕޯޓުގެ ރަންވޭގެ ހުރިހާ މަސައްކަތްތައްވެސް މިހާރު މުޅިން ނިމިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މުލަކައަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއް އަތޮޅެވެ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި ޕްރޮޖެކްޓަށް ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް ވެއެވެ.
ރީޖަނަލް އެއަރޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 2 މަސްތެރޭގައި މަސައްކަތްތައް ނިންމާ، ރަންވޭއަށް ޓެސްޓް ފްލައިޓް ބޭއްވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މުލީ އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއްގެ ގޮތުގައެވެ. މި އެއަރޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނެއެވެ.
މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

