ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ. ފުލުހުން ބުނީ، ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ، ސޫ ޒިއޯނިންގ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

