އިންޑިއާގެ ޓުޓިކޮރިން ސިޓީން 12 ކިލޯގެ ހަޝިޝް ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައެއްގެ ތަހުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ. މި މައްސަލައިގައި އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) ގެ މުވައްޒަފަކާއެކު 4 މީހަކު ހައްޔަރުކޮށް، 20 ކްރޯޑް ރުޕީސްގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ.
އިންޑިއާގެ ޑިޕާޓްމަންޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އަށް ލިބުނު ސިއްރު މަޢުލޫމާތަކާ ގުޅިގެން ޓުޓިކޮރިން ސިޓީގެ ކުރީގެ ބަނދަރު ސަރަހައްދުގައި މޮނިޓަރިންގ އިތުރުކުރެވުނެވެ. އެގޮތުން ސައިކަލެއްގައި ދިޔަ ދެމީހެއްގެ އަތުން 6 ބަންޑަލް ހަޝިޝް ފެނި، ޓުޓިކޮރިންގެ ފާތިމާ ނަގަރުން ޖެސުރާޖާ (34) އާއި ސުތަކަރް (33) ހައްޔަރުކުރެވުނެވެ. ތަހުޤީގުން އެނގުނު ގޮތުގައި މި މަސްތުވާތަކެތި ގެންދިޔައީ މާލެއަށް ދަތުރުކުރަން އުޅުނު ދޯންޏަކަށެވެ.
މީގެ އިތުރުން، ޓުޓިކޮރިންގެ ޖޯޖް ރޯޑުން ދަތުރުކުރި ދޯނީގެ ފަޅުވެރިއެއް ކަމަށްވާ ކިންގްސްލީ (56) އާއި ސޮރިސްޕޫރަމްއަށް ނިސްބަތްވާ ސީއައިއެސްއެފްގެ މުވައްޒަފު މަރިމުތޫ (30) ވެސް ހައްޔަރުކުރެވުނެވެ. ހައްޔަރުކުރެވުނު 4 މީހުން ޓުޓިކޮރިން މެޖިސްޓްރޭޓް ކޯޭޓް ކޯޓުގެ އަމުރަކާއެކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާވިސް ޑިވެލޮޕްމަންޓްގެ ވެރިއާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޝިފާން ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.

