2023 ވަނަ އަހަރުގެ އޭޕްރީލް މަހު ހިނގި ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި، އެކްސިޑެންޓް ހިނގި ދެ ލޯންޗު ދުއްވި މީހުންނަށް ދަޢުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2023 އޭޕްރީލް 29 ވަނަ ދުވަހުގެ ހަވީރު 16:42 ހާއިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލޯންޗު ގުޅިގެންނެވެ. މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އެތަނުން އެއް ލޯންޗުން ދަތުރުކުރި 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެދުވަހުގެ 18:15 އެހާ ކަންހާއިރުއެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަން / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި ކެޕްޓަނުންނެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަޙުޤީޤު ނިންމައި އެ ދެމީހުންގެ މައްޗަށް ޖިނާއީ ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވީ 2023 ޖޫން 4 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަ އިސްލާޙުކުރުމަށް އަނބުރާ ފޮނުވުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ދަޢުވާ ކުރެވޭ ދެ ފަރާތުގެ މައްޗަށް ކުރެވޭ ދަޢުވާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

