ބިދޭސީން މޮނިޓަރ ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގައި 03 ސަރަހައްދެއްގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ހަރަކާތްތެރިވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު މާލޭގެ ތިން ސަރަހައްދެއްގައެވެ. އެއީ، ހީނާމާގޭ ޕާކިންގ، ޒިކުރާ މިސްކިތް ހުންނަ ސަރަހައްދު އަދި ބޮނޑިބަތް ޕާކު ސަރަހައްދުގައެވެ.
މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ހަރަކާތުގެ މަގްސަދަކީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފާހަގަކުރުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ.

