އެކި މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގައި ފްލޭޝް ކޯލްގެ ބޭނުންކުރަމުންދާތީވެ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްނޮލޮޖީއަށް އައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ގެންގުޅެމުން އައި އުކުޅުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފްލޭޝް ކޯލަކީ ފައިސާގެ މުއާމަލާތްކުރާއިރު ވެރިފައިކުރުމަށް ފޯނަށް ފޮނުވާ އޯޓީޕީ ކޯޑުގެ ބަދަލުގައި ފޯނަށް ފޮނުވާ އޮތަންޓިކޭޝަން ކޯޑު ހިމެނޭ ކޯލެކެވެ. މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެކެވެ.
ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ އެމީހެއްގެ ފޯނަށް ލިބޭ ކޯޑެއް، ގުޅާފައި އޮތް ނަންބަރެއް އަދި މިސްކޯލެއް ލިބިފައި އޮތްނަމަ އެ ނަންބަރެއް ވެސް އެހެން ފަރާތަކާ ހިއްސާނުކުރުމަށެވެ.
މިފަދަ ކަމެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

