ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤުރީރެއް ދެއްވުމަށް އެޤައުމުގެ ސަރުކާރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ދަޢުވަތު ދެއްވައިފިއެވެ.
މި ދަޢުވަތު ހަވާލުކުރެއްވީ މޮރޮކޯގެ ނޮންރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މޮރޮކޯގައި ރަމަޟާން މަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ “ހަސަނީ ފިލާވަޅު” އަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6 ވަނައިގެ ބެއްލެވުމުގެ ދަށުން ބާއްވާ، މޮރޮކޯގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. މި ސެޝަންތަކުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް އަރުވާފައެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީން ކުރުމަށް ހުރި އެކި ފުރުސަތުތަކާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

