ތިލަދުންމަތީ އުތުރުބުރީ މުރައިދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މުހިންމު މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މުރައިދޫގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ. މި ސިޔާސަތުގެ ދަށުން، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 21 އިން 23 އަށް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައިވެސް ދެ ރަށެއްގައި ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވާފައިވެއެވެ. އެގޮތުން މާކުރަތާއި އިންނަމާދޫގައި ޤާއިމްކުރާ ޕޮލިސް އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.

