ތިލަދުންމަތީ މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ޖާގައިގެ ދަތިކަން ހުރި ކައުންސިލްތަކަށް އައު އޮފީސް އިމާރާތްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން، ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ސަރުކާރުން ހަވާލުކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މުރައިދޫ ކައުންސިލްވެސް މީގެ ތެރޭގައި ހިމެނެއެވެ.
ހެކްސްޓަރ ގްލޯބަލްއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަޝްރޫޢު ނިންމުމަށް 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީއާއެކު އިތުރު 50 ކައުންސިލެއްގެ އިމާރާތް ތަރައްޤީކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މި ދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދިނުމެވެ.
ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް ވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް 70% ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

