އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެއްވަނަ ދަރަޖައިގައި ހާފިޡާއަކަށްވި އަލްޙާފިޡާ އައިމިނަތު ޢިލްމާ ޠަލްޙަތުއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ އިސްލާމިކް މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އައިމިނަތު ޢިލްމާ ޠަލްޙަތު ހޯދެއްވި ކާމިޔާބީއަށް ދަރިވަރަށާއި މައިބަފައިންނަށް މަރުޙަބާ ދަންނަވާ، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިތްވަރު ދެއްވާފައެވެ. އަދި މި ފަދަ ޒުވާން ދަރިވަރުން ކީރިތި ޤުރުއާނުގެ ޙާފިޡުންނަށް ވުމަކީ ޤައުމަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވިއެވެ.
އަލްޙާފިޡާ އައިމިނަތު ޢިލްމާ ޠަލްޙަތުއަކީ 12 ޖަނަވަރީ 2025 ގައި ޙާފިޡްކަމުގެ ސަނަދު ޙާސިލްކުރި ޙާފިޡާއެކެވެ. އޭނާ މި މަތިވެރި މަޤާމު ހާސިލުކުރީ އެންމެ 30 ދުވަހުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ، އެއް ވަނަ ދަރަޖައިގައެވެ. މިއީ ވަރަށް މަދު ބަޔަކަށް މެނުވީ ހާސިލުކުރެވޭ ފެންވަރެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ގެންދަވަނީ ހާފިޡް އަދި ހާފިޡާކަމުގެ ސަނަދު ހޯދާ ފަރާތްތަކާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވަމުންނެވެ. މިއީ ޤުރުއާނީ ޢިލްމު އުނގެނުމަށް ހިތްވަރު ދިނުމަށާއި، މި ދާއިރާއިން ކުރިއަރާ ދަރިވަރުންނަށް އެހީތެރިވުމަށް މިނިސްް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ.

