ހއ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތި އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުރައިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި މުރައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ ސިނާނެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަން ބޭންކުން ހާމަކޮށްފައިވެއެވެ.

