ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު އަޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ރަސްމިއްޔާތެކެވެ.
މިއަދުގެ ދަތުރުފުޅުގައި، ރައީސް ޑރ މުއިއްޒު، މުރައިދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 6 ރަށެއްގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވެއެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި، ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް 105 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމަށް ވަނީ އިޢުލާން ކުރައްވާފައެވެ. މި މަޝްރޫޢުތައް ނިމުމުން ޤައުމުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލައިގެ 70 އިންސައްތަ ހައްލުވާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް އައު އިމާރާތްތައް ޤާއިމުކޮށްދިނުމެވެ.

